ބޯހިޔާވަހިކަމުގެ އިކުއިޓީ އެހީ ދިނުމަށް 4 މާލީ އިދާރާއަކާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން ތަޢާރަފުކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން ހިންގާ ‘ހެލްޕް ޓު ބިލްޑް’ އަދި ‘ހެލްޕް ޓު ބައި’ ސްކީމް ތަންފީޒުކުރުމަށްޓަކައި ރާއްޖޭގެ މާލީ ހަތަރު އިދާރާއަކާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މުޙައްމަދު ޝަރީފް، އެމް.އައި.ބީގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ، އެޗް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު އަދި އެމް.އެފް.އެލް.ސީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ކުރިއަށްގެންދިޔަ “މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް”ގެ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެ ހުރަސްތައް ނައްތާލައި، ގޯއްޗެއް އޮވެމެ ފައިސާގެ ދަތިކަމާހުރެ އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ:
- ހެލްޕް ޓު ބިލްޑް: ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނު ހޯދައިދިނުމަށް އެހީތެރިވެދޭ މި ބައި ޚާއްޞަކޮށްފައިވަނީ މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ (ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނޭހެން). މި ބައިގެ ދަށުން 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ އިކުއިޓީގެ ގޮތުގައި -/200,000 (ދެލައްކަ) ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. މާލޭގެ ބިންތަކުގައި ގިނަ ފަރާތްތަކެއް ގުޅިގެން އިމާރާތްކުރާނަމަ، ބޮލަކަށް ދެލައްކަ ރުފިޔާގެ މަގުން 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ހަމަޖައްސައިދެވޭނެއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއަކަށް ވިޔަސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.
- ހެލްޕް ޓު ބައި: މި ބައިގެ ދަށުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ނުވަތަ މާކެޓް އަގުގައި ވިއްކާ ރިއަލް އެސްޓޭޓް ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް -/250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެއެވެ. މި ފައިސާ މާލީ އިދާރާތައް މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ޔުނިޓްގެ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވިގެންދާނެއެވެ.
މި ސްކީމްތަކުގެ އެހީ ލިބޭނީ އެދޭ ފަރާތުގެ ނަމުގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގެދޮރެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މީގެއިތުރުން، މި ލޯނު މައިގަނޑު ގޮތެއްގައި އަމިއްލަ ދިރިއުޅުމަށް ހާއްސަ ކުރަންޖެހުނު ނަމަވެސް، އިމާރާތުގެ ވަކި ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.







ކޮމެންޓު