ޙަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ގައި

އައިޝަތު އަފާ

1 މިނިޓު
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ގައި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ. މި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ތަޤުރީރު ކުރައްވާނެއެވެ.

މި ރަސްމިއްޔާތުގައި، ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ގައުމީ ފެންވަރުގައި ހިތްވަރާއެކު ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ދެއްވާނެއެވެ. މި އިނާމަކީ، އެކި ދާއިރާތަކުން ހޯދާ މަތީ ދަރަޖައިގެ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

މި އިނާމަށް ފަރާތްތައް ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ޖުމްހޫރީ ދުވަހުގެ މި ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝެއާ

ކޮމެންޓު