ތިލަމާލެ ބުރިޖު: ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

ތިލަމާލޭ ބުރިޖުގައި ހިމެނޭ ތިލަމާލެ އާއި ގުޅިފަޅު ގުޅުވާލައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިލިމާލެއާއި ގުޅިފަޅާ ގުޅުވާލާފައި ވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ޕޯސްޓުގައި ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސް އަދި އިންޑިއާ ސަރުކާރަށް ވަނީ ޝުކުރު ދަންނަވާފައެވެ.
މިއީ6.74 ކިލޯމީޓަރުގެ ބުރިޖެއްކެވެ. ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު މި ގުޅުވާލީ، މާލެ އާއި ވިލިމާލެ ގުޅުވާލިތާ ދެ މަސް ފަހުނެވެ. ތިލަމާލެ ބްރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލީ އޮގަސްޓުމަހުގެ22 ވަނަ ދުވަހުގައެވެ.
މި ބިޔަ މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނު އެހީއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީއެވެ.
މި ބްރިޖް ނިމުމުން މާލެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސް، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.




ކޮމެންޓު