ޙަބަރު

ޖިނާއި ކުށެއް ސާބިތުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ވެމްކޯ

އައިޝަތު އަފާ

1 މިނިޓު
ޖިނާއި ކުށެއް ސާބިތުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ވެމްކޯ

ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ޖިނާއީ ކުށެއް ސާބިތުވާ ނަމަ، އެ މުއައްސަސާއިން އެކަމަށް ދިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެމްކޯއިން ދީފި އެވެ.

އެ ކޯޕަރޭޝަނުން މިހެން ބުނީ ތިނަދޫ ރޭޕް ކޭސްއާ ގުޅިގެން ކުންފުނީެ މުވައްޒަފުންތަކަކަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ނެރުނު ބަޔާނުގަ އެވެ. މި ބަޔާނުގައި ކޯޕަރޭޝަނުން ހާމަކޮށްފައިވަނީ އެފަދަ ޢަމަލުތައް އެއްވެސް ހާލެއްގައި ބަލައިނުގަންނާނެކަމާއި، މައްސަލައެއް ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.

ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައާއި އެ މާހައުލުން ބޭރުގައިވެސް މުވައްޒަފުންގެ އަހުލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ މި ކޯޕަރޭޝަންގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަގްސަދެވެ. އަދި، މި ޕޮލިސީ ފަރުމާކުރެވިފައިވަނީ މިފަދަ ރިވެތި އަހުލާގީ މިންގަނޑުން ބޭރުވެ، ނޭއްގާނީ އެކިއެކި ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި، އެކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ، އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން މި ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، ކޯޕަރޭޝަނުގެ ގަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ އަރުވާފައެވެ.

އަދި، ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މިފަދަ ޢަމަލުތައް މި ކޯޕަރޭޝަނުން އެއްވެސް ހާލެއްގައި ބަލައިނުގަންނާނޭ ކަމަށް ކޯޕަރޭޝަނުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޝެއާ

ކޮމެންޓު