ޙަބަރު

ހަށިގަނޑުގައި މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އައިޝަތު އަފާ

1 މިނިޓު
ހަށިގަނޑުގައި މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގުލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަޙްމަދު ނަޞީރު (62އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ރާއްޖެއަށް އެތެރެވި ވަގުތު، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުންނެވެ.

އަޙްމަދު ނަޞީރު ހައްޔަރުކުރުމަށްފަހު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 427 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޝެއާ

ކޮމެންޓު