ޙަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފްއިން ގިނަ ހަރަކާތްތަކެއް ރާވައިފި

އައިޝަތު އަފާ

1 މިނިޓު
ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފްއިން ގިނަ ހަރަކާތްތަކެއް ރާވައިފި

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ.

ނޮވެންބަރު 3 ވަނަ ދުވަހު ފެށިގެންދާ މި ހަރަކާތްތަކުގެ ތެރޭގައި، އިސްލާމީ މަރުކަޒުގައި ސިފައިން ބައިވެރިވާ ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދެއް ހިމެނެއެވެ. ނަމާދަށްފަހު، ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތެއް ކުރިއަށްދާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، އާއްމުންނަށް ބަލާލެވޭ ގޮތަށް ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން، ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށްގެންދާނެއެވެ.

ހަމައެއާ އެކު، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު، ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ބޭއްވުމަށް ވެސް ވަނީ ރާވައިފައެވެ.

މި ދެރަށަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ދެ ބަޠަލުން ކަމަށްވާ، ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދާއި، ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށްތަކެވެ. މި ޙަރަކާތްތައް ހއ.ދިއްދޫގައި ނޮވެންބަރު 13 އަދި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހއ.ބާރަށުގައި މި ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ.

ޝެއާ

ކޮމެންޓު