ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު: ހީނާ

މޫސުމީ ބަދަލުތަކުގެ ސަބަބުން ސަގާފީ ތަރިކަތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މުހިންމުކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުވިދާޅުވެއްޖެއެވެ.
އޭޝިއަން އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް (އޭ.ސީ.އެޗް.އޭ) ގެ ކައުންސިލްގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ވަންތަކަމުގެ މައިބަދައަކީ ދިވެހީންގެ މުއްސަނދި ސަގާފީ ތަރިކަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ތެރޭގައި، ގައުމިއްޔަތާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެ ފަދަ ނާޒުކު ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އާސާރީ ތަންތަނަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ބަޔާންކުރައްވައި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވިލުފުއްޓާއި ގެމެންދޫ ފަދަ ރަށްރަށުގެ ތާރީހީ ތަރިކަތަކަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުންތައް މިނިސްޓަރު ހަނދާން އައުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ “މޯލްޑިވްސް 2.0” ތަސައްވުރާ އެއްގޮތަށް، ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަރިކަ ޑިޖިޓަލްކޮށް ރައްކާތެރިކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޑިޖިޓަލް ދުނިޔޭގައި ދިވެހިބަހާއި ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ތަމްސީލުވާންޖެހޭނެ ކަމަށާއި، ވަކި ބަހަކުން ވާހަކަދައްކާ އާބާދީ ކުޑަވުމަކީ އެ ސަގާފަތެއް ބާކީވާންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.
ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މާލީ އަދި ފަންނީ ދަތިތަކަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރު ހީނާ ވަނީ ފަންނީ އެހީތެރިކަމާއި، ދެމެހެއްޓެނިވި މާލީ އެހީ އަދި ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖުތަމަޢުން ކުދި ގައުމުތަކަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. އަދި އެއްވެސް ގައުމެއްގެ ޖިއޮގްރަފީގެ ނާޒުކުކަމުން ނުވަތަ ވަސީލަތްތައް މަދުވުމުގެ ސަބަބުން، އެ ގައުމެއްގެ ސަގާފީ ތަރިކަ ނެތިގެން ދިއުމުގެ ބިރާ ކުރިމަތިލާން ޖެހިގެން ނުވާނެ ކަމަށް ވިދާޅުވެ، މި ދާއިރާއިން އަމަލީ މަޝްރޫޢުތައް ހިންގުމަށް ބާރުއެޅުއްވިއެވެ.







ކޮމެންޓު