އަންހެނުންގެ ސިއްހަތަށް ކުރައްވާ މަސައްކަތްޕުޅުތަކަށް މެޑަމް ސާޖިދާގެ ތައުރީފް

ޢާންމު ސިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތަޢުރީފު ކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މިކަމަށް ތަޢުރީފު ކުރެއްވީ، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ އެކު މިއަދު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު “އައިވާން-އެ-ސަދްރު” ގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސިއްހީ ދާއިރާގެ އިތުރުން މުހިންމު އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މިގޮތުން، ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމާއި، އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުވުމުގައި އިސް ސަފުގައި މަސައްކަތްކުރުމުގެ މުހިންމުކަންވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގެ ތެރެއިން ދެ ގައުމުގެ ވެރިން ވަނީ ވަކިވަކިން ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.
ފަސްޓް ލޭޑީންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޖުތިމާޢީ ގޮތުން ނާޒުކު ފަރާތްތަކުގެ ހައްގުގައި ގާތުން ގުޅިގެން މަސައްކަތްކުރުމުގެ ޔަގީންކަން އަރުވަމުންނެވެ.







ކޮމެންޓު