ޙަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

އައިޝަތު އަފާ

1 މިނިޓު
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ހަރުދަނާ ސިއްހީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ގައުމީ ފެންވަރުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ ދެމެހެއްޓެނިވި ޒިންމާއެއް ކަމަށެވެ. އަދި މިކަމަށްޓަކައި ސައިންޓިފިކް ހަރުދަނާ މިންގަނޑުތަކާއި، ބާރުވެރި ރެގިއުލޭޓަރީ އިދާރާތަކެއްގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުން މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި، ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ. ހާއްސަކޮށް، ޞިއްޙީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާގެ ސަބަބުން، ފަންނީ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޑްރެޕްގެ ޓީމުން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފުކުރެއްވިއެވެ.

ޑްރެޕްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށްވެސް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ޝެއާ

ކޮމެންޓު