ޙަބަރު

އިސްލާމްއާބާދުގެ އިސްލާމިކް ޔުނިވާސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

އައިޝަތު އަފާ

1 މިނިޓު
އިސްލާމްއާބާދުގެ އިސްލާމިކް ޔުނިވާސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައި.އައި.ޔޫ.އައި) އިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، ސިޔާސީ ދާއިރާ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ރޮނގުން ޝަރަފުވެރި އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފިއެވެ.

މި ޝަރަފު އެރުވުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ނިވާސަންދަރާގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، ދިވެހިރާއްޖޭގެ އާންމު ހިދުމަތުގެ ދާއިރާއާއި، ލީޑަރޝިޕް ހަރުދަނާކުރެއްވުމަށާއި، ދައުލަތުގެ މުއައްސަސާތައް ބިނާކުރެއްވުމުގެ އިތުރުން ހެޔޮވެރިކަމާއި އިޖުތިމާޢީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އެރުއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއި، އައި.އައި.ޔޫ.އައި ގެ ރެކްޓަރ ޕްރޮފެސަރ ޑރ އަހްމަދު ސާދު އަލް އަހްމަދެވެ. މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސް ބޭފުޅުންނާއި، ޕާކިސްތާނު ސަރުކާރުގެ އިސްވެރިންގެ އިތުރުން އެ ޔުނިވަރސިޓީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނަށް އެރުވި މި ޝަރަފަށްޓަކައި އިހްލާތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޑޮކްޓަރޭޓަކީ އެމަނިކުފާނަށް އެރުވުނު ޝަރަފެއް ކަމުގައި ވިޔަސް، މި އުފާވެރި ޝަރަފު ހާއްސަކުރައްވަނީ ލޮބުވެތި ދިވެހި ރައްޔިތުންނަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، މިއީ ޕާކިސްތާނުން ދިވެހި ގައުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުމަށް ދިން ވަރަށް މަތިވެރި އިހްތިރާމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އައި.އައި.ޔޫ.އައި އަކީ އިސްލާމީ ޢަޤީދާއާއި ތަޢުލީމު އެކުއެކީގައި ކުރިއެރުވުމަށާއި، ޢިލްމީ ދިރާސާތަކަކީ އިންސާނިއްޔަތަށް ފައިދާހުރި ހިދުމަތްތަކަކަށް ހެދުމުގެ މުހިންމު ފަލްސަފާ ރަމްޒުކޮށްދޭ މުއައްސަސާއެކެވެ. މީގެއިތުރުން، ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއް ނަމަވެސް، ގައުމެއްގެ ޢިއްޒަތާއި ޝަރަފަކީ ބިމުގެ ބޮޑުމިނަށް ބަލައި ކަނޑައެޅޭނެ އެއްޗެއް ނޫން ކަމަށާއި، އަދި ނަޒާހަތްތެރިކަމަކީ އަސްކަރީ ނުވަތަ މާލީ ބާރުވެރިކަމަށް ބިނާވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ގައުމަކަށްމެ އިހްތިރާމް ހައްގުވާ ފަދައިން، ކޮންމެ ރައްޔިތަކަށްވެސް އަމާން، އިންސާފުވެރި މުސްތަގްބަލެއް ކަށަވަރުވާންޖެހޭނެ ކަމަށް އެމަނިކުފާނު ބާރުއަޅުއްވައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ޝަރަފުވެރި ޑޮކްޓަރޭޓް ގަބޫލުފުޅުކުރައްވަނީ ނުހަނު ތަވާޟުޢުވެރިކަމާއެކު، ގައުމަށް ހިދުމަތްކުރުމަށާއި އިންސާފު ގާއިމުކުރުމަށް އޮތް ޒިންމާ އިތުރަށް އައުކުރައްވަމުން ކަމުގައި ހާމަކުރައްވަމުންނެވެ.

 

ޝެއާ

ކޮމެންޓު