ޙަބަރު

މާލީ އަދި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުމާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މައްޗަށް

އައިޝަތު އަފާ

1 މިނިޓު
މާލީ އަދި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުމާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މައްޗަށް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އައި ކުރިއެރުމާއެކު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ކުރިއަރައިފިއެވެ.

އެ ބިއުރޯއިން މި މަހުގެ 15 ގައި ޝާއިއުކުރި “މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް” (އެމް.އައި.އީ.ޖީ) ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި އަހަރުގެ ޖޫން މަހު އިގްތިސާދީ ހަރަކާތްތައް މަޑުޖެހުމަކަށް ދިޔުމަށްފަހު، ޖުލައި އަދި އޮގަސްޓް މަހު އިގްތިސާދު ވަނީ އަލުން ހަލުވި ދުވެއްޔެއްގައި ކުރިއަރަން ފަށާފައެވެ. އެގޮތުން، ވޭތުވެދިޔަ އޮގަސްޓް މަހުގެ އިގްތިސާދީ އުފެއްދުންތެރިކަން ވަނީ ޖެނުއަރީ މަހަށްފަހު ފުރަތަމަ ފަހަރަށް 10.06 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް ހިމެނޭ މާލީ ދާއިރާއިންނެވެ. މި ދާއިރާ ވަނީ 21.9 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 748 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، އިމާރާތްކުރުމުގެ ދާއިރާ 10.4 އިންސައްތަ ކުރިއަރައި 487 މިލިއަން ރުފިޔާ ރެކޯޑުކުރެވުނުއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވަނީ 8.1 އިންސައްތައިގެ ކުރިއެރުމަކާއެކު 864 މިލިއަން ރުފިޔާއަށް އުފުލިފައެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާއަކީ އަދިވެސް އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ދާއިރާއެވެ. އިގްތިސާދުގެ 23.1 އިންސައްތަ ހިއްސާކުރާ މި ދާއިރާއިން އޮގަސްޓް މަހު 2.23 ބިލިއަން ރުފިޔާ އުފައްދާފައިވާއިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު 10.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު ނުވަތަ “ބެޑް ނައިޓްސް” އިތުރުވުމާއެވެ.

މީގެއިތުރުން، ރާއްޖޭގެ ޖުމްލަ އިގްތިސާދުގެ 11.7 އިންސައްތަ ހިއްސާކުރަނީ ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާއިން ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޝެއާ

ކޮމެންޓު