ޙަބަރު

ފިންގަރ ޖެޓީގައި ކޮންކްރީޓްގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ

އައިޝަތު އަފާ

1 މިނިޓު
ފިންގަރ ޖެޓީގައި ކޮންކްރީޓްގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދަމުންދާ ފިންގަރ ޖެޓީގައި ކޮންކްރީޓްގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ހަފުތާގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، ކޮންކްރީޓް ކުރުމަށް ބޭނުންވާ ދަގަނޑު އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ބާރުމިނުގައި ކުރިއަށްދާއިރު، އަންނަ ހަފުތާގެ ތެރޭގައި ކޮންކްރީޓްގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ނިމުމުން މި ސަރަޙައްދު ބޭނުންކުރާ ޢާންމުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ބަނދަރުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ. އަދި ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. މިއީ ޚާއްޞަކޮށް ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ދާގީނާ އުފުލާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

މީގެއިތުރުން، މި ޖެޓީތައް ހެދުމުން ބަނދަރުން އިތުރު ޖާގަ ލިބި، އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ކައިރިކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އޭގެ ސަބަބުން ދަތުރުތައް އަވަސްވެ، ބޯޓުފަހަރަށް އަރައިފޭބުމުގައި ދަތުރުވެރިންނަށް ރައްކާތެރިކަން ލިބިގެންދާނެއެވެ

ޝެއާ

ކޮމެންޓު