ޙަބަރު

އޭސީސީއޭގެ “އެޕްރޫވްޑް އެމްޕްލޯޔަރ” ޕްރޮގްރާމްގެ ދަށުން އެމްޓީސީސީއަށް ދެ އެކްރެޑިޓޭޝަނެއް ލިބިއްޖެ

އައިޝަތު އަފާ

1 މިނިޓު
އޭސީސީއޭގެ “އެޕްރޫވްޑް އެމްޕްލޯޔަރ” ޕްރޮގްރާމްގެ ދަށުން އެމްޓީސީސީއަށް ދެ އެކްރެޑިޓޭޝަނެއް ލިބިއްޖެ

އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ގެ “އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް” ގެ ދަށުން ދޭ ޝަރަފުވެރި ދެ އެކްރެޑިޓޭޝަނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށް ރަސްމީކޮށް ލިބިއްޖެއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ހާސިލުކުރެވުނީ، އޭސީސީއޭ އިން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މަތީ މިންގަނޑުތަކަށް އެމްޓީސީސީ ފުރިހަމައަށް ފެތޭކަން، އެ ޖަމްޢިއްޔާއިން ކުރިއަށްގެންދިޔަ ދިރާސާތަކަށްފަހު ކަށަވަރުކުރުމާ ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީއަށް ލިބިފައިވާ ދެ އެކްރެޑިޓޭޝަނަކީ:

  1. އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް): މިއީ އޭސީސީއޭގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ އެމްޓީސީސީގެ ޓްރެއިނީންނަށް، ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބަލައިގަނެ ދީފައިވާ އެންމެ މަތީ ފަންތީގެ (ޕްލެޓިނަމް) ސެޓިފިކޭޝަނެކެވެ.
  2. އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް: މި އެކްރެޑިޓޭޝަނަކީ އޭސީސީއޭ ފުރިހަމަކޮށްފައިވާ މެންބަރުންގެ ފަންނީ ތަރައްގީއަށް މެދުކެނޑުމެއްނެތި ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމްޓީސީސީން ދެމިތިބިކަން ސާބިތުކޮށްދޭ ސެޓިފިކޭޝަނެކެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖްމަންޓުން ވިދާޅުވީ، މިއީ އެ ކުންފުނީގެ އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، އެ ފަރާތްތަކުގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފަހި މާޙައުލެއް ގާއިމުކޮށްދިނުމަށް ކުންފުނިން ދޭ ހާއްސަ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޝެއާ

ކޮމެންޓު