ޙަބަރު

އައްޑޫ ހުޅުދޫ އާއި މީދޫ އަކީ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި

Hafeez

1 މިނިޓު
އައްޑޫ ހުޅުދޫ އާއި މީދޫ އަކީ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި

އައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެެވެ.

އެގޮތަށް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްތަކާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.

މި ގަރާރުގެ ދަށުން، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ’އައްޑޫ‘ އަކީ ’އައްޑޫ ސިޓީ‘ ކަމުގައި ކަނޑައަޅައި، “އައްޑޫ ސިޓީ”ގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ވަނީ ނިންމަވާފައެވެ. އަދި މީގެ އިތުރުން، ’އައްޑޫ’ގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި އޮތް ހުޅުދޫ އަދި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.

މި އިސްލާހް ގުޅިގެން، ރައީސް ވަނީ “އައްޑޫ ސިޓީ”އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ކަނޑައަޅުއްވައި، އެ ސިޓީ ހިންގުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލް ގެ ނަމުގައި ކައުންސިލެއް އުފެއްދެވުމަށް ނިންމަވާފައެވެ. އަދި ހަމައެއާއެކު، އައްޑޫ މީދޫ ހިންގުމަށްޓަކައި އައްޑުއަތޮޅު/ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދެވުމަށާއި، އައްޑޫ ހުޅުދޫ ހިންގުމަށްޓަކައި އައްޑުއަތޮޅު/ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދެވުމަށްވެސް ނިންމަވާފައިވެއެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އެ އިންތިހާބުގައި އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިހާބުކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބޭއްވުމަށްވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.

ޝެއާ

ކޮމެންޓު