ޙަބަރު

އިންތިހާބަށް ކުރިމަތިލާން ހުށަހެޅި 1،000 އަށް ވުރެ ގިނަ ފޯމު ބަލައިގަނެފި

Hafeez

1 މިނިޓު
އިންތިހާބަށް ކުރިމަތިލާން ހުށަހެޅި 1،000 އަށް ވުރެ ގިނަ ފޯމު ބަލައިގަނެފި

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި އިންތިހާބުތަކުގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 15:00 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ކައުންސިލް އިންތިހާބަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާތަނަށް ޝަރުތު ހަމަވެފައިވަނީ 750 ފަރާތެއްގެ ފޯމެވެ. ބާކީ ހުރި ފޯމުތަކުގެ ތެރެއިން 77 ފަރާތަކުން، ޝަރުތު ހަމަނުވާތީ އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ޝަރުތު ހަމަވި 750 ފޯމުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށަހެޅި 617 ފޯމާއި، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 133 ފޯމެވެ.

ކައުންސިލް އިންތިހާބުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް ވެސް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން އެ ކޮމިޓީތަކަށް 734 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 574 ފޯމެއްގެ ޝަރުތު ހަމަވާ ކަމަށް އީސީން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ޕާޓީތަކުން ހުށަހެޅި 488 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 86 ފޯމެވެ.

މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝެއާ

ކޮމެންޓު