ޙަބަރު

ނޮވެމްބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ

ނޮވެންބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

މި އައްޑަނަ އަރުއްވާފައި ވަނީ ނަސްރުދުވަހުގެ މުނާސަބަތުގައި ރޭގަ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ޖުމްހޫރީ މައިދާނުގައި އޮތް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ރޭގެ ޖަލްސާ ފެށުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް ވަނީ އަރުވާފަ އެވެ.

ރޭގެ ޖަލްސާގައި އައްޑަނަ ލިބިފައިވާ ބޭފުލުންނަކީ 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންނެވެ. އެއީ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީއާއި، ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދެވެ.

އައްޑަނަ އެރުވުމުގެ އިތުރުން ދިވެހި ސިފައިން ވަނީ "ލޭގެ ޖިހާދު"ގެ ނަމުގައި ޑުރާމާއެއް ހުށައަޅާދީފައެވެ. އަދި ސިފައިންގެ ގައުމީ ލަވަ އަލްބަމް ވެސް ވަނީ ނެރެފައެވެ.

މި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ދިވެހި ގައުމަށް މުހާތަބު ކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގައުމަށް އޮތް ލޯބި ފާހަގަކުރައްވާ، ހުރިހާ ދިވެހި ރައްޔިތުން ވާންވާނީ ގައުމުދެކެ ލޯބިވާ، ގައުމަށް ވަފާތެރިބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި ނޮވެންބަރު 3 ގައި ޝަހީދުވި ބަތަލުންގެ ގުރުބާނީ އިން އިބުރަތް ލިބިގަނެ، އެ ބޭފުޅުން ފަދައިން ގައުމު ހިމާޔަތް ކުރުމުގައި ދެމި ތިބޭ ބަޔަކަށް ދިވެހިން ވާންވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝެއާ

ކޮމެންޓު