ރައީސް ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގަ ޕާކިސްތާނަށް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
މިއީ މިމަހުގެ20 ވަނަ ދުވަހުން22 ވަނަ ދުވަހާ ހަމައަށް ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އެގައުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ އެވެ.
މި ދަތުރުފުޅުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅަކީ 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުނާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.




ކޮމެންޓު