ޙަބަރު

މަގު ކޮނުމުގެ މަސައްކަތްތަކުގައި ކަރަންޓު ވިއުގައަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

އައިޝަތު އަފާ

1 މިނިޓުއަޕްޑޭޓުކުރީ
މަގު ކޮނުމުގެ މަސައްކަތްތަކުގައި ކަރަންޓު ވިއުގައަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

މަގު ކޮނުމުގެ އެކި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ވިއުގައަށް ގެއްލުންދޭ ފަރާތްތައް ޒިންމާދާރުކުރުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މަގުތައް ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ، ހިދުމަތް މެދުކެނޑުމުގެ ހާދިސާތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އިންތިހާއަށް ބޮޑެތި ތަކުލީފުތަކާއި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ކުންފުނިން ފާހަގަކުރެއެވެ.

އެހެންކަމުން، މަގު ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިހުމާލުން ކަރަންޓު ވިއުގައަށް ގެއްލުން ލިބޭ ހާލަތްތަކުގައި، އެ ފަރާތްތައް ފުރިހަމައަށް ޒިންމާދާރު ކުރެވޭނެއެވެ. އަދި ލިބޭ ގެއްލުން މަރާމާތުކޮށް، އަލުން ހިދުމަތް ދިނުމަށް ހިނގާ އެންމެހާ ހަރަދުތައް އެ މަސައްކަތެއް ކުރި ފަރާތަކުން ނެގުމަށް މިހާރު ވަނީ ކަނޑައަޅާފައިވާކަމައް ކުންފުނިން ހާމަކޮއްފައިވެއެވެ.

މި ފިޔަވަޅު އެޅުމުގެ މައިގަނޑު މަގުސަދަކީ ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، އިތުބާރު ހުރި ދެމެހެއްޓެނިވި ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ކުންފުނިން ބުނެއެވެ.

މީގެއިތުރުން، މަގު ކޮނުމުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ހުރިހާ ފަރާތްތަކުންވެސް، ކަރަންޓު ވިއުގައަށް އެއްވެސް ގެއްލުމެއް ނުވާނޭހެން، ފުރިހަމަ ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ޝެއާ

ކޮމެންޓު