މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) ގެ ނަމުގައި އައު އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މިއީ ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ. މި ބަދަލާއެކު، މީގެ ކުރިން ހޮސްޕިޓަލުތައް ހިންގުމަށް އެކުލަވާލާފައިވާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް މިހާރު ވަނީ އުވާލައްވާފައެވެ.
އުވާލެވުނު ބޯޑުތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި އަލަށް އުފެއްދެވި އެމް.ޓީ.އެޗް.ޖީގެ ގަވަރނިންގ ބޯޑަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިގެން މަސައްކަތްކުރަމުންދާނެ ބޯޑެކެވެ.
މި އައު ބަދަލާއެކު، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ޗެއާޕާސަންގެ މަގާމަށް ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް ވަނީ އައްޔަނުކުރައްވާފައެވެ. އަދި އެ ބޯޑުގެ ވައިސް ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އަލްފާޟިލް ޙުސައިން ޙަލީމް އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ނިންމެވުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ.




ކޮމެންޓު