ޙަބަރު

ގޮންޖެހުންތައް ހައްލުކުރަން ކޮމަންވެލްތް ހަރުދަނާކުރަން ޖެހޭ: މިނިސްޓަރު

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮމަންވެލްތް މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބޫޑާގެ ސެއިންޓް ޖޯންސްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޮމަންވެލްތުގެ މައިގަނޑު ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށްޓަކައި، މިއަދުގެ ދުނިޔޭގެ ބޭނުންތަކާއި އެކަށޭނެ ފަދަ ގޮތަކަށް އެ ޖަމުއިއްޔާގެ ހިންގުން ހަރުދަނާކޮށް ބަދަލުކުރަން ޖެހިފައިވާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމުގައި ކޮމަންވެލްތުން މިހާރަށްވުރެ ފުޅާ އަދި މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ދިމާވާ މާލީ ދަތިތަކަށް ހައްލު ހޯދައިދީ، ކުދި ޖަޒީރާ ގައުމުތަކަށް ފަސޭހައިން އެހީ ލިބޭނެ ހަރުދަނާ މާލީ ނިޒާމެއް އޮތުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޮމަންވެލްތުން ނިންމާ ނިންމުންތަކުގައާއި އެ ޖަމުއިއްޔާގެ ހަރަކާތްތަކުގައި ހުރިހާ މެންބަރު ގައުމުތަކަށް ހަމަހަމަކަމާއެކު ބައިވެރިވެ، އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން އަބަދުވެސް ކޮމަންވެލްތާއެކު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ޝެއާ

ކޮމެންޓު