ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޑިފެންސުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ.
މި މަޝްރޫއަކީ ސިފައިންގެ ގާބިލްކަން އިތުރުކޮށް، ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތައް ފުރިހަމަކުރުމަށްޓަކައި ސިފައިންގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. 'ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ'ގެ ނަމުގައި ބިނާކުރާ މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާއެވެ. މިކަމަށްޓަކައި މިދިޔަ ހޯމަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ނައިބު ފާތިމަތު މިޒްނާ އަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މރ. ޖޯ ވޭދޯން އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި އަސްކަރިއްޔާގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އިސްކަންދެއްވަމުން ގެންދަވާ މި ދަނޑިވަޅުގައި، މިއީ ސިފައިންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.




ކޮމެންޓު