ޔުނެސްކޯގެ ބައިނަލްއަގްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވަނީ

ޔުނެސްކޯގެ ބައިނަލްއަގްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.
މިފަދައިން ނިންމީ މި މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ރާއްޖެއިން ބައިވެރިވުމަށް ނިންމާފަ ވަނީ ޔުނެސްކޯގެ ބައިނަލްއަގްވާމީ ދެ މުއާހަދާއެއްގައެވެ. އެއީ "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" އަދި "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައެވެ.
އެޑިއުކޭޝަން މިނިސްޓަރު ހުށައެޅުއްވި މި ކަރުދާހަށް ވާހަކަދެއްކުމަށް ފަހު، ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެއައުމަށް ފަސޭހަވެގެންދާނެއެވެ. މީގެއިތުރުން ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް، ދިވެހިރާއްޖެއިން ބޭރަށްގޮސް ކިޔެވުމަށްފަހު ބޭރުގެ ސަނަދަކާއެކު ރާއްޖެއަށް އެނބުރި އައުމުގެ ފުރުސަތު ލިބިގެންދާނެއެވެ.




ކޮމެންޓު