ގަވާއިދާހިލާފަށް ބޮޑު އަގުގައި ޑޮލަރު ވިއްކާ ދެ ބިދޭސިން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މީހުން ހައްޔަރުކޮށްފަ ވަނީ ވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތް ކޮށްފަވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ އެވެ. މި މީހުން ބަންދު ކުރީ މިމަހުގެ20 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރުވެސް ފުލުހުން ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު 9388733 އަށް އެންގުމަށް ފުލުހުން ވަނީ ބުނެފައެވެ. މި ނަންބަރަކީ މި މައްސަލަތައް ރިޕޯޓް ކުރުމަށް ހާއްސަކޮށްފައިވާ ނަންބަރެކެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެއެވެ.




ކޮމެންޓު