ޙަބަރު

ވިސާ އާއި ނުލާ ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

އައިޝަތު އަފާ

1 މިނިޓު
ވިސާ އާއި ނުލާ ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ރާއްޖެ އާއި ބެލަރޫސްގެ ރައްޔިތުންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަވާސާގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ މެކްސިމް ރީޒެންކޯވް އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ތެރޭގައި އެއް ފަހަރު ވަނުމަށް (ސިންގަލް އެންޓްރީ) 30 ދުވަހުގެ މުއްދަތެއް، ނުވަތަ ކަލަންޑަރު އަހަރެއްގެ ތެރޭގައި ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާނެހެން އެކި ފަހަރު މަތިން (މަލްޓިޕަލް އެންޓްރީ) ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ބެލަރޫސް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި، މިނިސްޓަރ އިރުތިޝާމް ޝުކުރު އަދާކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބެލަރޫސްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޝެއާ

ކޮމެންޓު