ޙަބަރު

ޖަމިއްޔާތަކަށް، އެންޖީއޯ ވޯކިން ސްޕޭސް ހިލޭ ބޭނުންކުރެވޭނެ: މިނިސްޓަރު

Hafeez

1 މިނިޓު
ޖަމިއްޔާތަކަށް، އެންޖީއޯ ވޯކިން ސްޕޭސް ހިލޭ ބޭނުންކުރެވޭނެ: މިނިސްޓަރު

މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ ހިލޭ ދޫކުރާނެކަމަށް ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޔޫތް މިނިސްޓަރު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން އެ ވުޒާރާއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ. އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަކުރައްވައި ވިދާޅުވީ މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިންގ ސްޕޭސް“ ކަމަށެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ސިވިލް ސޮސައިޓީ އެވޯޑު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް، 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު އެ މިނިސްޓަރީން ވަޒަން ކުރައްވާނެ ކަމަށެވެ. އަދި އެ އެވޯޑުގެ ސަބަބުން މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެ ގައުމީ ތަރައްގީގައި އެފަރާތްތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި އަތޮޅު ފެންވަރުގައި ހިންގާ ހަރާކާތްތަކަށް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ދެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 15 ޖަމިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދިން އިރު އެކަށީގެންވާ ގޮތުގައި އެކި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިނުވާކަމަށެވެ. އެކި ޖަމިއްޔާތަައް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައި ތިބިކަމަށާއި ދިމާވެފަިއވާ ދަތިތައް ހިއްސާކޮށް އެ މަޝްރޫއޫތައް ކުރިއަށްގެންގޮސް ނިންމުމަކީ އެކަމާ ގުޅުންހުރި ރައްޔިތުންނަށްޓަކާ ނިންމަންޖެހޭކަމަށެވެ.

ޝެއާ

ކޮމެންޓު