ޙަބަރު

އެސްޑީއެފްސީ ރީބްރޭންޑްކޮށް، އެސްއެމްއީ ޑިޖިޓަލްއަށް ނަން ބަދަލުކޮށްފި

Hafeez

1 މިނިޓު
އެސްޑީއެފްސީ ރީބްރޭންޑްކޮށް، އެސްއެމްއީ ޑިޖިޓަލްއަށް ނަން ބަދަލުކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން ‘އެސްއެމްއީ ޑިޖިޓަލް’ އަށް ބަދަލުކޮށްފިއެވެ.

އެސްޑީއެފްސީ މިހާރު ހިނގަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ދަށުންނެވެ.

ކުންފުނީގެ ނަން ބަދަލުކޮށްފައި މިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ކުންފުނީގެ ހިއްސާދާރުން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާގައި ފާސްކޮށްގެންނެވެ.

އޭގެ ފަހުން މިހާރު އިގްތިސާދީ ވުޒާރާގައި މި ނަން ރަޖިސްޓްރީކޮށްފައިވާކަމަށް އެކުންފުނިން ބުންޏެވެ. އަދި އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ކުންފުނީގެ ނަމަށް އައި ބަދަލާއެކު ކުންފުނީގެ ހިދުމަތްތައް ދެން ބައްޓަންވެގެންދާނީ، މިހާރެކޭ އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، މާކެޓަށް ނިކުތުމަށް މަގުފަހި ކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. އަދި މިބަދަލާއެކު ވިޔަފަރީގެ އެކި މަރުހަލާއަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެކުންފުނި ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލް އާއިއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައިއެވެ.

އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ، އެންމެ ޒަމާނި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީއާއާއި އެއްގޮތްވާގޮތަށް ޤާއިމުކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. މި އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފްކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވިދާޅުވިއެވެ.

ޝެއާ

ކޮމެންޓު