ކައުންސިލް އިންތިހާބުގައި 294،937 މީހުން ވޯޓުލާނެ

އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން މިއަދު އާއްމުކުރި ލިސްޓުގައި ވާގޮތުން މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓު ލުމުގެ ހައްގުލިބެ އެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
އީސީން ބުނީ ސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ރަޖިސްޓަރީ ޗެކްކުރެވޭނެކަމަށެވެ.
ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް، ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހުށަހެޅޭނެކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އީސީން ބުނީ މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެކަމަށެވެ. ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.







ކޮމެންޓު