ޙަބަރު

އިޒްރޭލް ޕާސްޕޯޓްގައި އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭނެ

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލްތަކަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހުސައިން އިސްމާއިލް

1 މިނިޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

އެއްވެސް ހާލަތެއްގައި، އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވައި، އެކަމުގައި ރާއްޖެއިން ނިންމާފައިވާ ނިންމުން ދިފާއުކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލްތަކަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައިގައި، 7 އޮކްޓޯބަރު 2023 އަށްފަހު އިޒްރޭލުން ހިންގަންފެށި ގަތުލްއާންމު ހުއްޓާލާ، ހާލަތު ބަދަލުވަންދެން އެގައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް އޮތް ނަމަވެސް، މިހާރު ހުށަހަޅާފައިވާ ބިލުގައި އޮންނާނީ އެހާލަތަށް ރިއާޔަތް ނުކޮށް، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މުތުލަގަށް، ކަނޑައަޅާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށާއި، ރާއްޖޭގެ އިމުގެ ތެރެއަށް އެގައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތްވުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ހަމައެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ސިޔާސަތާއި ސްޓޭންޑް ރާއްޖެއިން ބައިނަލްއަގްވާމީ އެކި މަންސަތަކުގައި، އެކި ފަހަރުމަތިން ނަގަހައްޓާ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އުފުލި އެކި ގާނޫނީ ދައުވާތަކުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމައްސަލައިގައި، ރާއްޖޭގެ ސްޓޭންޑް މިހާތަނަށް ތަފާތުވެފައިނުވާ ކަމަށާއި، އެކަމަކީ ދިވެހި ރައްޔިތުންނަށް ހައްސާސް މައްސަލައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން، އިމިގްރޭޝަނާބެހޭ އައު ބިލެއް ހުށަހެޅެނީ މިކަންކަމަށް ރިއާޔަތްކުރެވި، ރާއްޖޭގެ ސްޓޭންޑް ސާފުކޮށް ބަޔާންކުރެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޝެއާ

ކޮމެންޓު