ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމީ އަގީދާ: ރައީސް

ރާއްޖެ އާއި ޕާކިސްތާންގެ ގުޅުމުގެ އެންމެވަރުގަދަ ބިންގަލަކީ އިސްލާމީއަގީދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނު ސަރުކާރުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އިހްލާތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަން ވަރުގަދަ ކުރުމުގައި، ދެ ޤައުމުން ހިއްސާކުރާ މާތްވެގެންވާ އިސްލާމީ އަގީދާއަކީ އެންމެ ވަރުގަދަ ބިންގާ ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވިގެންދާ ފަހުމުނާމާތަކަކީ (އެމް.އޯ.ޔޫ) އެކަމުގެ އަލިގަދަ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.







ކޮމެންޓު