ޙަބަރު

ބިދޭސީން މަސައްކަތްކުރާ ބައެއް ދާއިރާތަކަށް 2 އަހަރު ފަހުން ކޯޓާއެއް ނުލިބޭނެ

Hafeez

1 މިނިޓު
ބިދޭސީން މަސައްކަތްކުރާ ބައެއް ދާއިރާތަކަށް 2 އަހަރު ފަހުން ކޯޓާއެއް ނުލިބޭނެ

ސަރުކާރުން ބައެއް ދާއިރާތަކުން ބިދޭސީންނަށް ކޯޓާ ނުދޭން ނިންމާފައިވާ ނިންމުމާއެކު ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާޙުތަކުގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފަ އެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާތާ 2 އަހަރަށްފަހު ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން ގެސްޓް، ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް އެކައުންޓެންޓް އަދި އިމާމުން ހިމެނެއެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާތާ 3 އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިންގ އިންސްޕެކްޓަރ، ސަރވޭޔަރުން، ސައިޓް ސުޕަވައިޒާ އަދި ޕައިލެޓުންގެ ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް ގެނައުން މަނާވާނެއެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާތާ 4 އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖިނިއަރ އަދި ޑައިވް އިންސްޓްރަޓަރުންގެ ވަޒީފާއަށް ބިދޭސީންނަށް ކޯޓާ ދިނުން މަނާވާނެއެވެ. އަދި މިގަވާއިދަށް އަމަލު ކުރަން ފަށާތާ 5 އަހަރުގެ ތެރޭގައި ހައުސް ކީޕިންގ މެނޭޖަރ، ހިއުމަން ރިސޯސް މެނޭޖަރ އަދި ފްރަންޓް އޮފީސް މެނޭޖަރ ލެވެލްގެ މަޤާމުތަކަށް ބިދޭސީންނަށް ނާދެވޭނެއެވެ. މީގެއިތުރުން ޕްރައިމަތީ އަދި ސެކަންޑަރީ ޓިޗަރުންގެ ގޮތުގައިވެސް ރާއްޖެއަށް ބިދޭސީންނަށް ކޯޓާ ދިނުންވަނީ މަނާކޮށްފައެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބައެއް ދާއިރާތައް ހަމައެކަނި ދިވެހީންނަށް ހާއްސަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އޭގެ ތެރޭގައި ފަންނުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ދިވެހީންގެ ތެރޭގައި އެމަސައްކަތް ކުރުމުގެ ޝައުގު ހުންނަ އަދި އެދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ ދިވެހީން ތިބި ދާއިރާތައް ހިމެނެއެވެ.

ޝެއާ

ކޮމެންޓު