ޙަބަރު

ސިނަމާލެ ބްރިޖުން ފައިމަގުގައި ދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ!

އައިޝަތު އަފާ

1 މިނިޓު
ސިނަމާލެ ބްރިޖުން ފައިމަގުގައި ދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ!

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައި ވީީނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި “ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން” ހަރުކުރެވިފައިވާ ކަމަށެވެ.

މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޝެއާ

ކޮމެންޓު