ޙަބަރު

“ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި

އައިޝަތު އަފާ

1 މިނިޓުއަޕްޑޭޓުކުރީ

ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، “ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މި ކުންފުނި އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ޤަރާރަކުންނެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާއާއި އިސްލާމީ ފައިނޭންސް ފުޅާވަމުން އަންނަ ދަނޑިވަޅުގައި، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ތަރައްޤީކޮށް ހިންގުމަށްޓަކައި، ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ކެޕިޓަލް މާކެޓު އިތުރަށް ހަރުދަނާކޮށް، ބާޒާރުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިންގ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން، ދައުލަތުގެ ސެކިއުރިޓީޒްތަކާއި ޝަރީޢާގެ ހަމަތަކަށް ފެތޭ ސުކޫކު ފަދަ މާލީ ވަސީލަތްތައް ނެރެ، ލިސްޓުކޮށް ވިޔަފާރިކުރެވޭނެ މަގުފަހިކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިންގ އަދި ސެޓްލްމަންޓް ފަދަ ޕޯސްޓް-ޓްރޭޑް ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ދުނިޔޭގެ އަދި ރާއްޖޭގެ މާލީ އިދާރާތަކާ ގުޅިގެން ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން ވެސް މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޝެއާ

ކޮމެންޓު