ޙަބަރު

ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރު: 1100 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި

އައިޝަތު އަފާ

1 މިނިޓު
ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރު: 1100 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި

ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކޮށް، ގައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ސަރުކާރުން ފެށި “ދިވެހި ވަޠަނީ ޚިދުމަތް” ނޭޝަނަލް ސަރވިސް ޕްރޮގްރާމަށް ކާމިޔާބު އެއް އަހަރު ފުރިއްޖެއެވެ.

މި މުހިންމު ޕްރޮގްރާމްގެ ފުރަތަމަ އަހަރުގެ ކާމިޔާބީ ފާހަގަކުރައްވަމުން، މި ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ހުރިހާ ޒުވާނުންނަށާއި އެ ޒުވާނުންގެ އާއިލާތަކަށް ވަނީ ރައީސް ވަނީ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮންމެ އަހަރަކު 1،000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ވަނީ ހާސިލުކުރެވިފައެވެ. އެގޮތުން، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ ދަށުން 1،028 ޒުވާނުން އަދި ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުންނާއެކު، ޖުމްލަ 1،164 ޒުވާނުން ވަނީ މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތަކާއި އިންޓަރންޝިޕް ފުރުސަތުތައް ތައާރަފުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން، މި ތަމްރީނުތައް ނިންމާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގައި ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ޝެއާ

ކޮމެންޓު