ޙަބަރު

ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު މާދަމާ ތުރުކީއަށް ފުރާވަޑައިގަންނަވަނީ

މިއަހަރުގެ ކޮޕް31 ބައްދަލުވުން މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައި ކުރިއަށްދާއިރު، ރައީސް ބައިވެރިވެވަޑައިގަންނަވާނީ މިމަހުގެ 11 އިން 12 އަށް ކުރިއަށްދާ "ވޯލްޑް ލީޑާސް ސަމިޓު" ގައެވެ.

ހުސައިން އިސްމާއިލް

1 މިނިޓު

ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާގެ ވަގުތެއްގައި އެ ގައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ކޮޕް31 ބައްދަލުވުން މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައި ކުރިއަށްދާއިރު، ރައީސް ބައިވެރިވެވަޑައިގަންނަވާނީ މިމަހުގެ 11 އިން 12 އަށް ކުރިއަށްދާ "ވޯލްޑް ލީޑާސް ސަމިޓު" ގައެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖެއަށް ނުހަނު މުހިންމު ސަމިޓެއް ކަމަށާއި، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މައިދާނުގައާއި ރާއްޖޭގެ ފެންވަރުގައިވެސް ރާއްޖެއަކީ ޒިންމާދާރުކަމާއެކު އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން، ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން ގޮނޑުދޮށްތައް ގިރުމާއި ހަލާކުވުމުން ރައްކާތެރިކުރުން ފަދަ ކަންކަމުގައި ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ތެރޭގައި ރާއްޖެ ހިމެނުނު ނަމަވެސް އަޑުއުފުލުން މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، ބައިނަލްއަގުވާމީ އެއްބަސްވުންތައް ތަންފީޒުވަމުންދާ ވަރަކަށް ރާއްޖެއަށް އޭގެ ލާބަޔާއި މަންފާ ލިބެމުންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނު ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި މައިގަނޑު އަމާޒަކީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކުރިއަރުވައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ފަހިކުރުން ކަމަށެވެ. އެގޮތުން ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ވެވުނު 20 އެއްބަސްވުމުގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އޭގެ ތެރޭގައި ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ވައިގެ ދަތުރުތައް ފެށުމާއި، ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ 10 ވަރަކަށް އަހަރު ހުއްޓިފައި އޮތް ސާކްގެ ހަރަކާތްތައް އަލުން ފަށައިގަތުމަށްވެސް ރާއްޖެއިން މަޝްވަރާތައް ކުރިއަށްގެންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޝެއާ

ކޮމެންޓު