ޙަބަރު

ތެލުގެ ރިޒާވް ޤާއިމްކުރަން މާލެ ސަރަޙައްދުގެ ދެ ފަޅެއް ބަލަން ފަށައިފި

އަޒީޒާ އަފީފް

1 މިނިޓު
ތެލުގެ ރިޒާވް ޤާއިމްކުރަން މާލެ ސަރަޙައްދުގެ ދެ ފަޅެއް ބަލަން ފަށައިފި

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ ދެ ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މި މަޝްރޫޢަކީ މާލީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

ދުނިޔޭގެ މަސްރަޙުގައި، ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތީ، އެފަދަ ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ތެޔޮ ލިބުމަށް ދަތިވެ، އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއް އަހަރު ދުވަހަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭނެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ވަޒީރު ޒަމީރު ވިދާޅުވީ، ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މާލެ ސަރަޙައްދުން ބަލަމުންދާ ދެ ފަޅުގެ ސަރވޭގެ މަސައްކަތްތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ.

“ފައިނަލް ޕްލޭން އެކުލަވާލާއިރު ސްޓޮކް ބެހެއްޓޭނެ މިންވަރާ ގުޅޭގޮތުންވެސް ޕްލޭންތައް ހަދާނެ. ޑިޒައިންއާއި ފައިނޭންސިންގ މޮޑެލް ހިމެނޭހެން ފީސިބިލިޓީ ރިޕޯޓު ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، އެމަނިކުފާނު ނިންމަވާ ގޮތެއްގެ މަތިން އަމަލީ މަސައްކަތް ކުރިއަށްދާނެ،” ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ ކަނޑަކީ ތެލުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިނގާ ސަރަޙައްދަކަށްވުމުން، ރާއްޖެއަށް ބޭނުންވާ މިންވަރު ރައްކާކުރުމަށްފަހު އިތުރުވާ ޖާގަ ބޭރުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަޅުގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މުޅި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެކެވެ.

މިހާރު ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކުރަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. އެތަނުގެ ކެޕޭސިޓީއަކީ 291,000 ފީފާގެ ޑީސަލާއި 59,000 ފީފާގެ ޕެޓްރޯލެވެ. ނަމަވެސް އައު ރިޒާވްއާއެކު ރާއްޖޭގެ ތެލުގެ ރައްކާތެރިކަން މިހާރަށްވުރެ އެތައް ގުނައެއް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޝެއާ

ކޮމެންޓު