ޙަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ސައީދު ވާދަކުރައްވަނީ

އަޒީޒާ އަފީފް

1 މިނިޓު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ސައީދު ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކީ އަހުމަދު ސައީދު (ސޮޑާ) ކަމަށް އެ ޕާޓީން މިއަދު އިއުލާނުކޮށްފިއެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވަނީ އެކަން އިއުލާންކުރައްވާފައެވެ، މި ބައްދަލުވުމުގައި ކެންޑިޑޭޓް އަހުމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސައީދަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކެންޑިޑޭޓެއް ނަމަވެސް، ޕާޓީން މިހާރު ވަނީ އޭނާއަށް ޓިކެޓް ދިނުމަށް ނިންމާފައެވެ.

މި ނިންމުން ނިންމި ސަބަބާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ހުޅުވާލާފައިވާ މުއްދަތު ކުޑަވުމުގެ ސަބަބުން، އިތުރު ޕްރައިމަރީއެއް ބޭއްވުމުގެ ވަގުތު މިވަގުތު ނެތް ކަމަށެވެ. އަދި ސައީދަކީ ޕާޓީއާއެކު ސާބިތުކަމާއެކު ހުންނެވި ބޭފުޅަކަށް ވާތީ، މިއީ މިވަގުތަށް ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

“އިލެކްޝަނުން މިހާރު ހުޅުވާލާފައިވާ މުއްދަތުގައި އިތުރަށް ޕްރައިމަރީއަކަށް ހުޅުވާލައިގެން ބޭނުންވާ ވަގުތު ނެތުމާއެކީގަ، އަދި ސައީދު ވެސް ހަމަ ކުރިއަށް ވަޑައިގަތުމުގެ ވިސްނުންފުޅު ހުރީމައާއެކީގަ ޕާޓީއަށް މިވަގުތު ހަމަ އެންމެ ރަނގަޅު ގޮތަކަށް މިވަނީ ހަމަ” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުންގެ ވިސްނުމާއި ތާއިދު ވެސް ހުރީ މިގޮތަށް ކަމަށެވެ. އެހެންކަމުން، ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީން އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ސައީދު ކަމަށް ފެންނާތީ، އޭނާއާއެކު އިންތިހާބުގައި ކުރިއަށް ދިއުމަށް ޕާޓީން ވަނީ އިއްތިފާގުވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ބަލާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން މި އިންތިހާބުގައި ނުކުންނަވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

މި އިންތިހާބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން އިތުރުކުރުމަށް ޕީއެންސީއަށް މުހިންމު އިންތިހާބެކެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ މި ބައި-އިލެކްޝަން ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ.

ޝެއާ

ކޮމެންޓު