ޙަބަރު

އިލްމީ ފަންނުވެރި ޖީލެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: މިނިސްޓަރު

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އިލްމީ ފަންނުވެރި ޖީލެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: މިނިސްޓަރު

އިލްމީ ފަންނުވެރި ޖީލެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ޝަހީދު އަލީ ސުކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ވެސް މިއަދު ފާހަގަކުރަމުންދާއިރު މިނިސްޓަރު ވިދާޅުވީ، އިލްމީ ފަންނުވެރި މަސައްކަތްތެރި އަހުލާގީ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ  އެންމެންގެ ވިސްނުންތެރިކަމާއި ހިދުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އިލްމުވެރި ފަންނީ މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނީ މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުމުން ނެވެ. އަދި ސްކޫލާއި ގޭތެރޭގެ މާހައުލަކީ ދަރިވަރުންގެ އުނގެނުމާއި ހެދިބޮޑުވުމަށް ފަހި މާހައުލަކަށް ހެދުމުންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއާއެކު، މުދައްރިސުންނަށް ލޯބިކޮށް، މުދައްރިސުންނަށް އިހުތިރާމްކުރަން ދަރިވަރުންނަށް ހަދާންކޮށްދިނުމަށް މިނިސްޓަރު ވަނީ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.

“އިލްމީ ފަންނުވެރި މަސައްކަތްތެރި އަހުލާގީ ޖީލެއް ބިނާކުރުމަށް މިކުރާ މަސައްކަތް ކާމިޔާބުވާނީ އަޅުގަނޑުމެން އެންމެން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން.” މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދަރިވަރުންނަކީ މިގައުމުގެ މުސްތަގުބަލު ކަމަށާއި ދަރިވަރުންނަކީ ޒިންމާދާރު، ކެރޭ، ހީވާގި ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ނެވެ. އަދި ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔެއްގެ ގޮތުގައި ބައްޓަން ކުރުމަށް ވެސް މުދައްރިސުންނަށާއި މައިންބަފައިންނަށް އިލްތިމާސް ކުރެއްވި އެވެ.

 

ޝެއާ

ކޮމެންޓު