15 ދުވަސްތެރޭ ތަސްދީގުނުކުމުން ބިލު ބާތިލުވާނޭ ބުނާބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް: ދިިޔާނާ

ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސް ހާއްސަ ބިލެއް ފާސްކުރާތާ 15 ދުވަސްތެރޭ، އެ ބިލް ފާސްކުރަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި ތަސްދީގުނުކޮށްފިނަމަ ބިލު ބާތިލުވާނޭ ބުނާބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ދިޔާނާ ވިދާޅުވީ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު ތަސްދީގުކުރުމާއި ބެހޭގޮތުން ގާނޫނުއަސާސީގައި ދެ މާއްދާއެއް އޮންނަ ކަމަށެވެ. އެގޮތުން91 ވަނަ މާއްދާއަކީ އާންމު ބިލްތައް ކަމަށާއި އެކަހަލަ ބިލްތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހާހާއި ބެހޭ ހާއްސަ ބިލްތަކާއި މެދު ކަންތައްކުރަންވީގޮތް 265 ވަނަ މާއްދާއިން ހާމަވެގެންދާ ކަމަށް އެނާ ވިދާޅުވިއެވެ.
“ވަރަށް ބޮޑު މިސްކޮންޒަމްޝަނެއް އަޅުގަނޑުމެންނަށް ގާނޫނު އަސާސީގައި ބުނަނީ15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ މިއީ ވަރަށް ހަމަ ހަގީގަތާ ޚިލާފު ވާހަކައެއް. ” ދިިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވިގޮތުގައި ބައެއް ހާލަތްތަކުގައި ރައްޔިތުންގެ ރުފަރެންޑަމަކަށްދާން ގާނޫނުއަސާސީން ލާޒިމުކުރާ ކަމަށާއި ހާއްސަ ބިލެއް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވެއެވެ. ރައްޔިތުންގެ ބަސް ހޯދުމަށް ނަގާ ވޯޓަށް ތައްޔާރުވުމަށް15 ދުވަހަކީ ކުރު މުއްދަތެއް ކަމަށާއި އެ މުއްދަތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ބިލް ތަސްދީގު ނުކުރެވޭނެތީ އެފަދަ ބިލްތައް ތަސްދީގު ކުރަން 15 ދުވަސް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
“15 ދުވަސްތެރޭގައި ތަސްދީގުނުކުރެއްވީމާ އޭތި ބާތިލްވީއޭ، އެއީ ހަގީގަތާ ޚިލާފު ވާހަކައެއް. އެއީ ގާނޫނު އަސާސީގެ ނައްސުންވެސް އަދި ގާނޫނު އަސާސީގެ ޑިޒައިނުންވެސް އެވާހަކައަށް އެއްވެސް ބާރެއް ލިބިދޭ ދައުވާއެއް، އެއްވެސް ބާރެއް ލިބިދޭ ވާހަކައެއް ނޫން.” ދިޔާނާ ވިދާޅުވިއެވެ.







ކޮމެންޓު