ޙަބަރު

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރު

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުުހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޯޓުން ނެރޭ “ރައްކާތެރިކުރުމުގެ ވަގުތީ އަމުރު” ނުވަތަ “ރައްކާތެރިކުރުމުގެ އަމުރު” އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެކެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެއެވެ.

އެހެންވެ، ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދިފައިވެ އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ޝެއާ

ކޮމެންޓު