ޙަބަރު

7 އޮންލައިން ޕްލެޓްފޯމަކުން ފިތުރު ޒަކާތް ބަލައިގަންނާނެ

ރައީފާ އަބްދުއް ރައޫފް

2 މިނިޓު
7 އޮންލައިން ޕްލެޓްފޯމަކުން ފިތުރު ޒަކާތް ބަލައިގަންނާނެ

މޯލްޑިވްސް ޒަކާތު ހައުސް އިން 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އެހެން ރަމަޟާން މަސްތަކެކޭ އެއްފަދައިން މި އަހަރުވެސް މުލަ ރޯދައިން ފެށިގެން ރޯދަމަހުގެ 27ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށް ޒަކާތު ހައުސިން އިން ވަނީ ބުނެފައެވެ.

މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން،  އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކުރާ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން، މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ؛

  • 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
  • 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންކަމަށާއި، ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލްތަކުންނާއި ޒަކާތު ހައުސްއިން ބޭނުންކުރާނީ އެ ކަމަށް ޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލްކަމަށް ޒަކާޓު ހައުސިން އިން ބުނެފައިވެއެވެ.

ފިތުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކާ ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން، ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެކަމަށް ޒަކާތު ހައުސިން އިން ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ކޮންމެ ހަފުތާއަކު، ޑިޖިޓަލް ޕްލެޓްފޯމުތަކާއި ނަގުދު ފައިސާގެ މުއާމަލާތްތަކާއި ގޮވާމުން ލިބޭ ފިތުރު ޒަކާތުގެ ތަފާސްހިސާބުތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރާނެ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ
ޝެއާ

ކޮމެންޓު