ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް ހިމަބިހީގެ 13 ކޭސް ފެނިއްޖެ!

ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް ހިމަބިހި ޖެހިގެން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 199 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
ކުރީ ހަފުތާގައި 20 ކޭސް ފެނިފައިވީ ނަމަވެސް، ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ދަށްވާން ފަށާފައެވެ.
ވެކްސިންގެ ދެ ޑޯޒް ހަމަނުވާ މީހުން މަރުކަޒުތަކަށް ގޮސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ބަލިމީހުންނާ ކޮންޓެކްޓްވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ‘އާބަން’ ސެންޓަރުން ވެކްސިން ދޭނެއެވެ. އަދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުންވެސް މި ހިދުމަތް ލިބޭނެއެވެ.
މީހުންގެ ތެރެއިން މި ދެ ޑޯޒް ފުރިހަމަވެފައި ނުވާ ނަމަ، ނުވަތަ ވެކްސިން ޖެހިކަން ޔަގީންނުވާ ނަމަ، ލަސްނުކޮށް ކައިރީގައި ހުރި ސިއްހީ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން ވެކްސިން ޖަހަންޖެހެއެވެ.
އެޗްޕީއޭއިން ބުނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށެވެ. މިއީ ހިމަބިހީގެ އެންމެ އާންމު އަލާމާތްތައް ކަމަށްވާތީ، މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށާއި، ބަސް ނުވަތަ ޓެކްސީ ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.
ހިމަބިހީގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، އަރިދަފުސް ފޭބުމާއި، ލޯ ރަތްވުން ހިމެނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅިފަހުން، މިއަހަރުގެ މޭ މަހުން ފެށިގެން މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން ފަށައި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 199 އަށް އަރާފައިވާއިރު، މިފަހަރުގެ އައުޓްބްރޭކްގައި އެންމެ ބޮޑަށް ބަލި ފެތުރެމުންދަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަނުކޮށް ތިބި 15 އަހަރާއި 39 އަހަރާ ދެމެދުގެ ބޮޑެތި މީހުންގެ މެދުގައެވެ.






ކޮމެންޓު