ޙަބަރު

ތަކެތީގެ އަގު އުފުލުނީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން: މިނިސްޓަރު ޝިޔާމް

އާމިނަތު ރޫޔާ

1 މިނިޓު
ތަކެތީގެ އަގު އުފުލުނީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން: މިނިސްޓަރު ޝިޔާމް

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނީ  ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގެންގުޅުއްވި ނުބައި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީއިން އއ. އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގުތައް މަތިވަމުންދާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ޝަކުވާ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް މި ބަދަލުތައް އައިސް ތަކެތީގެ އަގު ބޮޑުވާން މެދުވެރިވި އަސްލު ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުތައް ކަމަށް މިނިސްޓަރު ޝިޔާމް ތުހުމަތުކުރެއްވިއެވެ.

“އެމަނިކުފާނުގެ ސަރުކާރުން، ކޮވިޑްގެ ހާލަތު ނާޖާއިޒު ގޮތުގައި ބޭނުން ކުރަން ހިންގި ޖަރީމާތާއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އެމްޑީޕީގެ މެޖޯރިޓީއިން. ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދު.”

މިނިސްޓަރު ޝިޔާމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ދުވަސްވަރު، ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓާލުމަށް އެދި މަޖިލީހުގެ ތަޅުމުގައި ވަރަށް ބޮޑަށް އާދޭސްކުރައްވައި އިހުތިޖާޖު ކުރެއްވި ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފައިސާ ޗާޕުކުރަން ހުއްދަ ދިނުމަކީ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު މިއަދާ ހަމައަށްވެސް ކުރަމުންދާ ކަމެކެވެ.މީގެއިތުރުން،ޝިޔާމް އިތުރަށް ވިދާޅުވީ، ފައިސާ ޗާޕުކުރުމުގެ ސަބަބުން ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެ، ރުފިޔާގެ ގަދަކަން ކުޑަވެގެންދާނެ ކަމުގެ އިންޒާރު އޭރުވެސް ދެއްވި ކަމަށެވެ. އަދި އޭގެ ސަބަބުން ޑޮލަރު ހޯދުމުގައްޔާއި ޑޮލަރުގެ ރޭޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ވާހަކަ ދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދަނީ ގައުމު ހަލާކުކޮށްލާ ފަނާކުރުވަނިވި ވިސްނުމަކާއި، ގައުމު އާރާސްތުކުރާ ބިނާކުރުވަނިވި ވިސްނުމެއްގެ ދެމެދުގައި އޮތް ބޮޑު ތަފާތު ކަމަށެވެ.

ޝިޔާމް އިތުރަށް ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު، ގައުމުގެ މިނިވަންކަމަށް އުނިކަން އަންނާނެ ފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ފަރާތްތަކުން ކަމަށެވެ. އަދި ދައުލަތް ބޮޑުތަނުން ދަރަނިވެރިކޮށް، ރާއްޖޭގެ އިގްތިސާދީ ބިންގާ ހަލާކުކޮށްލުމުގެ ޒިންމާ އުފުލަންޖެހޭނީ ވެސް އެ ބޭފުޅުން ކަމަށް ތުހުމަތުކުރައްވައި، ގައުމުގެ ޒުވާނުން މި ހަގީގަތްތަކާ މެދު ފުންކޮށް ވިސްނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ޝެއާ

ކޮމެންޓު