ޙަބަރު

އުކުޅަހުގެ ތަރައްގީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް ކައުންސިލާއި މަޝްވަރާކުރައްވައިފި

އާމިނަތު ރޫޔާ

1 މިނިޓު
އުކުޅަހުގެ ތަރައްގީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް ކައުންސިލާއި މަޝްވަރާކުރައްވައިފި

އއ. އުކުޅަހުގެ ތަރައްގީއަށް އެންމެ ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އުކުޅަހު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް ބޭނުންވާކަމާއި، އަލަށް ހިއްކި ސަރަހައްދާ ގުޅުވައިގެން އިތުރު ބިން ހިއްކުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

މީގެ އިތުރުން، މިހާރު ހިއްކާފައިވާ ސަރަހައްދަށް ބޭނުންވާ ފެނާއި، ނަރުދަމާ، ކަރަންޓު އަދި މަގުހެދުމުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ރަށުގެ އިންޖީނުގެ ބޮޑުކުރުމަށް ބިމެއް ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން އެދިފައިވެއެވެ. ހަމައެހެންމެ، ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށާއި، ރައްޔިތުންނަށް ލުއި އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައީސްގެ އަރިހުން ދަންނަވާފައެވެ.

ކައުންސިލުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި ދެއްވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، އުކުޅަހުގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.

އއ. އުކުޅަހަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އަދި އާބާދީ އިތުރުވަމުންދިއުމުގެ ސަބަބުން ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި، 2023 ވަނަ އަހަރު ސަރުކާރުން ވަނީ އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކައިދީފައެވެ. އަދި މި އަހަރުގެ ތެރޭގައި އެ އަލަށް ހިއްކި ބިމުން 250 ގޯތި ދޫކުރުމަށާއި، 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޝެއާ

ކޮމެންޓު