ޙަބަރު

ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

އަޒީޒާ އަފީފް

1 މިނިޓު
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

ސައުދިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 30 މާޗު 2016 ގައެވެ. މި ފަހަރުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، 10 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އިއްޔެ ރާއްޖެ އައި ސައުދިއާގެ SV838 ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މީގެ އިތުރުން، އެ އެއާލައިނުން އިއްޔެ ރާއްޖެއިން ފުރި ފަސިންޖަރުންނަށް ވެސް ވަނީ މި މުނާސަބަތާ ގުޅޭ ޚާއްސަ ހަދިޔާތަކެއް ބަހާފައެވެ.

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސައުދިއާ އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް، މިއީ ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތައް ފުޅާވެގެން ދިޔުމަށް މަގުފަހިވި މުހިންމު ސަބަބެކެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި، އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ބާރުއަޅަމުންނެވެ. މިގޮތުން ބޭރުގެ އެކި އެއާލައިންތަކާއެކު ސަރުކާރުން އަންނަނީ މެދުނުކެނޑި މަޝްވަރާކުރަމުންނެވެ.

ސައުދިއާގެ މި ދަތުރުތަކަކީ ދިވެހި އުމްރާވެރިންނަށާއި ހައްޖާޖީންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާ ދަތުރުތަކެއްކަން ފާހަގަކުރެވެއެވެ.

ޝެއާ

ކޮމެންޓު