ޙަބަރު

އެޕެއް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދޭ ނަމަ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
އެޕެއް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދޭ ނަމަ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭ

އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދޭ ނަމަ ޓްރާންސްޕޯޓް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ރާއްޖޭގެ ޓެކްސީގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނާއި ޑްރައިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ޓެކްސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގެނެސްފަ އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މޯބައިލް އެޕްލިކޭޝަނެއް ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ. މިނިސްޓްރީން ބުނެފައިވާގޮތުގައި މި ހުއްދަ ނަގަން ޖެހޭނީ، ޓެކްސީ ސެންޓަރު ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރު ފިޔަވައި އެހެން ވަސީލަތެއް ބޭނުން ކުރަން ގަސްތުކުރާނަމަ އެވެ.

ގަވާއިދަށް ގެނެސްފައިވާ އިތުރު ބަދަލުތައް:

  • ކުރިން މާލެ ސަރަހައްދުގައި ރަޖިސްޓަރީކުރާ ޓެކްސީ ސެންޓަރުތަކުގައި މަދުވެގެން 100 އުޅަދު އޮންނަން ވާނެ؛ ނަމަވެސް، މިހާރު މި އަދަު ވަނީ 50 އަށް ކުޑަކޮށް.
  • މިހާރު ލައިސެންސް އޮންނަ ކޮންމެ ޑްރައިވަރަކަށް 2 ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކޮށްގެން މަސައްކަތް ކުރެވޭނެ.
  • ޓެކްސީ ސެންޓަރުތަކުން ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތައް، ސަރުތުތައް ހަމަކުރުމަށް 60 ދުވަހުގެ މުއްދަތެއް ސެންޓަރުތަކަށް ލިބޭނެ. އަދި މި މުއްދަތުގައި ސަރުތުތައް ހަމަނުކޮށްފި ނަމަ އެބައެއްގެ ލައިސެންސް ބާތިލް ކުރެވޭނެ.
  • ޝަރުތުތައް ހަމަނުކުރާ ސެންޓަރުތަކުގެ ލައިސެންސް ބާތިލް ކުރިޔަސް، މި ސެންޓަރުތަކުގައި މަސައްކަތް ކުރި ޑުރައިވަރުންނަށް އެހެން އެޖެންސީއެއްގައި ރަޖިސްޓްރީވުމަށް 10 ދުވަހުގެ މުއްދަތެއް ލިބޭނެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ސަރުކާރުގެ ޓެކްސީ ލައިން ފަށާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އެމްޓީސީސީން ވަނީ ސަރުކާރުގެ ޓެކްސީލައިނަށް ޑުރައިވަރުން ހޯދުމަށް އިއުލާންކޮށް، ވޯކިން އިންޓަރވިއުއެއް ވެސް ބާއްވާފައެވެ.

ޝެއާ

ކޮމެންޓު