ޙަބަރު

މިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅުނު ބިންގަލެއް: މިނިސްޓަރު

މަރިޔަމް ލީން

1 މިނިޓު
މިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅުނު ބިންގަލެއް: މިނިސްޓަރު

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރެވުމަކީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދިޔަ ބިންގަލެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ކުރިޔަށްގެންދަން ތަފާތު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މި މަޝްރޫއުތަަށް، ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ގާއިމްކުރެވޭނެކަމަށެވެ. މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއްކަމަށާއި، މި ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުންކަމަށް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މިއީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް ކަމަށެވެ. އަދި މިމަޝްރޫއުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިމަޝްރޫއު ހިންގުމާއި ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެކަމަށެެވެ. މި އެއްބަސްވުންތައް ހިމެނޭނީ އާންމު އިންވެސްޓްމެންޓް ފްރޭމްވޯކުގެ ތެރޭގައި މޮނިޓަރިން އިންތިޒާމު ހިމެނޭ ގޮތަށްކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ، މިކަމުން ބޭންކުތަކަށްވެސް ފައިދާ ލިބި އިތުރު މަޝްރޫއުތަކަށްވެސް ފައިސާ ފޯރުކޮށްދޭން މަގުފަހިވެގެންދާނެކަމަށެެވެ.

ޒަމީރު ވިދާޅުވި ގޮތުގައި މިމަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން ހަތަރު އަމާޒެއް ހާސިލްކުރަން ބޭނުންވެ އެވެ. އެގޮތުން މަޝްރޫއުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަންދީ، ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ގާއިމުކުރާނެކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރު މުއައްސަސާތަކުން މަޝްރޫއުތަކުގެ ހިންގުންވެސް ވަޒަންކުރާނެކަމަށް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، މަޝްރޫއުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މެއިންޓެނެންސް ޒިންމާތައް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމަށެވެ. އަދި ދިވެހިންނަށް ޕްރައިވެޓް ސެކްޓަރގެ ތެރެއިން ލިބޭ ވަޒީފާ ފުރުސަތު އިތުރުކުރުމަކީވެސް މިކަމުން ހާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޝެއާ

ކޮމެންޓު