ޙަބަރު

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވެގެންދާނެ: އިހުސާން

އަޒީޒާ އަފީފް

1 މިނިޓު
ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވެގެންދާނެ: އިހުސާން

ޖަލުތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް އަލަށް ބެހެއްޓި ބޮޑީ ސްކޭނަރުގެ ސަބަބުން، މާފުށީ ޖަލުން ކުރަމުން އައި ސްކޭމް ކޯލްތައް ބޮޑުތަނުން މަދުވެގެންދާނެ ކަމުގެ ޔަޤީންކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މި މަހުގެ ތެރޭގައި މާފުށީ ޖަލުގައި ބޮޑީ ސްކޭނަރެއް އިންސްޓޯލްކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ޖަލަށް ވަދެ ނިކުމެވާ ގައިދީންނާއި، އާއިލާގެ މީހުންނާއި އަދި ޖަލު އޮފިސަރުންވެސް ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްޗެއް ފޮރުވައިގެން ވައްދަން އުޅުނަސް އެކަން މިހާރު ދެނެގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޖަލުގެ މައްސަލަތައް ދާއިމީކޮށް ހައްލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ހަމަތަކަށް ފެތޭ ‘ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް’ އެއް ބިނާކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ކުރީ ސަރުކާރުން ޖަލުތަކުގެ އިންފްރާސްޓްރަކްޗަރަށް ދީފައިވާ ގެއްލުންތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ކުރިން ހިނގަހިނގާ ހުރި މާލޭ ޖަލާއި ކަސްޓޯޑިއަލް ފެސިލިޓީތައް ބަންދުކޮށް، 100 މީހުންގެ ޖާގައިގެ ޖަލެއް ތަޅާލުމުގެ ސަބަބުން ޖުމްލަ 450 އެއްހާ މީހުންގެ ޖާގަ ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ޖަލަށް ގެންނަންޖެހޭ ގިނަ ބަޔަކު ދޫވެފައި ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާއިތުވި ހަތަރު މަސްދުވަހު ކުރި މަސައްކަތުން މިހާރު 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހާއްސަގޮތެއްގައި، ކުރީ ސަރުކާރުން 100 މީހުންގެ ޖާގައަކަށް 39 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި ސަރުކާރުން ހުޅުމާލޭގައި 100 މީހުންގެ ޖާގަ ހަދާފައިވަނީ އެންމެ 5 މިލިއަން ރުފިޔާގެ ބަޖެޓަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތްތައް އަވަސްކުރުމަށްޓަކައި ‘ވަން ސްޓޮޕް ސެންޓަރެއް’ ގާއިމުކޮށް، ގައިދީންގެ މެޑިކަލް އަދި ޕާސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި ބަދަލުތަކާއެކު ޖަލު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އާންމުންނަށް ލިބޭ އުނދަގޫތައް ކުޑަވެގެންދާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ޝެއާ

ކޮމެންޓު