ރައީސާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމުގެ ތަހުގީގު ހިންގުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް: އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ދޮގު މައުލޫމާތު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ފުރިހަމަ ހައްގާއި މަސްއޫލިއްޔަތު ފުލުހުންނަށް އޮންނާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ “އަދަދު” ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވި މައްސަލައިގައި އެ ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރަން ފެށުމާ ގުޅިގެންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަސާސެއް ނެތް ބޮޑެތި ތުހުމަތުތަކެއްކޮށް، ދޮގު ޚަބަރު ފެތުރި މީޑިއާއެއްގެ ހެޑް އޮފީސް ބަލައި ފާސްކޮށް، އެކަން ޖިނާއީ ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަސާސީ ހައްގުތަކެއް ނަމަވެސް، އެއީ އެއްވެސް އިމެއް ނެތް ހައްގުތަކެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“މި ހައްގުތަކާއެކު ޒިންމާތަކެއްވެސް ވެއެވެ. ވަކިން ހާއްސަކޮށް، މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ މި މިނިވަންކަމުގެ އިމުން ބޭރު ކަމެއް،” ވަޒީރު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 27، 28 އަދި 33 ވަނަ މާއްދާއާ ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނަމަވެސް، ކޮންމެ މީހަކަށްމެ އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ހަގީގަތާ ޚިލާފު ބޮޑެތި ތުހުމަތުތައް ކުރުމަކީ ނޫސްވެރިކަމެއް ނޫނެވެ. އެއީ އެމަނިކުފާނުގެ ކަރާމާތަށާއި ދައުލަތުގެ އެންމެ މަތީ މަގާމަށް ދެވޭ ހަމަލާއެކެވެ. އެހެންކަމުން ފުލުހުން ހިންގާ މި ތަހުގީގަކީ ނޫސްވެރިކަމަށް ހަމަލާދިނުމެއް ނޫން ކަމަށާއި، އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގު ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒިންމާދާރުކަމާއެކު މިނިވަންކަމުގެ ބޭނުން ހިފުމަކީ ޖަވާބުދާރީވާންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ގާނޫނަށްވުރެ މަތީގައި އެއްވެސް ފަރާތަކަށް ނުހުރެވޭނެ ކަމަށެވެ.







ކޮމެންޓު