ޙަބަރު
ވެޓް މާރުކޭޓް ހިންގުން މިފްކޯއާ ހަވާލުކުރަނީ

މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ “ވެޓް މާކެޓް” މަޝްރޫއު ނިމުމުން، އެތަން ހިންގައި ބެލެހެއްޓުމުގެ ހުރިހާ މަސްއޫލިއްޔަތެއް މިފްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެގްރޯނެޓް ވެސް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އާ މާރުކޭޓަކީ ދައުލަތުން އިތުރު ހަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ހިންގޭނީ މިފްކޯއަށް ކަމަށްވާތީ އެ ކުންފުންޏާ މި މަސްއޫލިއްޔަތު ހަވާލުކުރަން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
“މާލޭގައި މިހާރު ސަރުކާރުން އަޅަން ނިންމައި، އެތަން އަޅަން ފެށުމަށް ތައްޔާރީތައް ވަމުންދާ މިކްސްޑް މާކެޓް، މަސްވެރިންގެ އަދި ދަނޑުވެރިންނާއި އެކި ފަރާތްތަކުގެ ތަކެތި ވިއްކުމަށްޓަކައި ގާއިމުކުރާ ޒަމާނީ ސްޓޭޓް އޮފް ތާޑް މާރުކޭޓު، ހަދައި ނިންމައި އެތަން ހިންގައި އޮޕަރޭޓްކުރުން ހަވާލުކުރެވޭނީ މިފްކޯއާ.”
މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، 2027 ވަނަ އަހަރުގެ ޑިސެމްބަރު 10 އަށް އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ މޭޔަރުކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިިއިރުވެސް، ސިޓީ ކައުންސިލުން ވަނީ މި ސަރަހައްދު ޒަމާނީ “ވެޓް މާކެޓް” ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރަން ގިނަ ރޭވުންތަކެއް ރާވާފައެވެ. ނަމަވެސް އޭރުގެ ސަރުކާރުން ބިމުގެ ހުއްދަ ނުދިނުމާއި އެކި ކަހަލަ އިދާރީ ހުރަސްތަކާ ހުރެ އެ މަޝްރޫއު ކުރިއަށް ނުގެންދެވި އޮތުމަށްފަހު، މި ސަރުކާރުން ވަނީ މި މަޝްރޫއަށް ބޭނުންވާ 126 މިލިއަން ރުފިޔާގެ ބަޖެޓު ބީއެމްއެލް މެދުވެރިކޮށް ހަމަޖައްސާފައެވެ.






ކޮމެންޓު