ނޭނގި ކުރާ ރެކޯޑިންތައް ބްރޯޑްކާސްޓްކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް އިލްތިމާސްކޮށްފި

މީހުންނަށް ނޭނގި ނުވަތަ ހުއްދައެއް ނެތި ހޯދާ މައުލޫމާތާއި ރެކޯޑިންތައް ބްރޯޑްކާސްޓްކުރުމުގައި، ގާނޫނުތަކާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ހިލާފުނުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، އާންމު މަސްލަހަތާ ގުޅުންހުރި މައުލޫމާތު ހޯދުމާއި، އެ މައުލޫމާތު ހަމައެކަނި ކަނޑައެޅިފައިވާ ބޭނުމަށް ބޭނުންކުރުމުގެ އިތުރުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ ގާނޫނުން ލާޒިމުކުރާ ކަންކަމެވެ. އަދި އަމިއްޔަ ފަރުދުންގެ ޒާތީ މައުލޫމާތާއި މައުލޫމާތު ދޭ މަސްދަރުތަކުގެ ސިއްރު ހިފެހެއްޓުމަކީވެސް ގާނޫނީ ގޮތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި ބަޔާން ނެރެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސްޓެލްކޯގެ އެޗްއާރް ޑިޕާޓްމަންޓަށް ލައިވްކޮށް ގުޅައި، މުވައްޒަފަކަށް ނޭނގި އޭނާގެ އަޑު ބްރޯޑްކާސްޓްކުރި މައްސަލައަކާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ދިވެހި މީޑިއާގެ މިންގަނޑުތައް ހިފެހެއްޓުމަށާއި، އާންމުންގެ ޒާތީ ދިރިއުޅުމާއި އަބުރަށް އުނިކަން ނުލިބޭނެހެން ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ މާހައުލެއް ބިނާކުރުމަކީ ސަރުކާރުން ވަރަށް ބާރު އަޅާ ކަމެކެވެ.






ކޮމެންޓު